ތަޢާރަފް
ކަމެއް ރަނގަޅު
ގޮތުގައި ކުރެވޭނީ އެކަމެއް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރެވުނުތޯ ބަލާ،
އަމިއްލައަށްވެސް ވަޒަންކުރެވިގެންނެވެ. މިގޮތުން މިއެސައިމަންޓަކީ
"މާސްޓާރޒް އޮފް ޓީޖިންގ ދިވެހި ލެންގުއޭޖް" ކޯހުގެ ފުރަތަމަ ސެމިސްޓަރގައި ކިޔަވަމުންދާ
މާއްދާއެއް ކަމަށްވާ "ޕްރޮމޯޓިންގ ސަކްސަސްފުލް ލާރނިންގ" މި މާއްދާގެ
ދަށުން ތައްޔާރު ކުރެވިފައިވާ ރިފްލެކްޝަނެކެވެ. މިގޮތުން މި ރިފްލެކްޝަނުގައި
ހިމެނިފައިވާނީ ދެ ފިލާވަޅެއް ކިޔަވައިދިނުމުގައި ކުރެވުނު ތަޖުރިބާއެވެ. އަދި
މީގެއިތުރުން މިދެ ފިލާވަޅު ކިޔަވައިދިނުމަށްޓަކައި ތައްޔާރު ކުރެވުނު
ލެސަންޕްލޭނާއި، ބޭނުންކުރި ޓީޗިންގ އެއިޑްސްގެ އިތުރުން މިދެ ފިލާވަޅު
ކިޔަވައިދިނުމުގައި ކަންކުރިގޮތާއި، އެކަންލުރި ގޮތުން ނިކުތް ނަތީޖާގެ
މައްޗަށްވެސް ބަލައިލެވިފައިވާނެއެވެ. އަދިހަމައެހެންމެ ދެ ފިލާވަޅު ދެގޮތަކަށް
ގެންދިއުމުން ދަރިވަރުންގެ ކިބައިން ލިބިގެންދިޔަ ފީޑްބެކާއި، ދަރިވަރުން ދީފައިވާ
ކޮމެންޓްތައްވެސް ހިމަނާލެވިފައިވާނެއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި
މިފަދަ ފިލާވަޅެއް ކުރިއަށް ގެންދާނަމަ އެފިލާވަޅެއް ރާވާލާނެ ގޮތުގެ އެކްޝަން
ޕްލޭނެއްވެސް ހިމަނާލެވިފައިވާނެއެވެ.
ރިފްލެކްޝަން
ރިފްލެކްޝަންއަކީ
ކަމެއް ކޮށް ނިންމާލުމަށްފަހު، އެކަމެއް ކުރެވުނު ގޮތާއިމެދު ތިމާ އަމިއްލައަށް
މިންކުރާ މިންކުރުމެވެ. މިގޮތުން ގެރެތް ރީސް އަދި ހާވާރޑް ފިލް ހޮޑްކިންސަން
(1994) ހާމަކުރައްވާފައިވާގޮތުގައި
ރިފްލެކްޝަންއަކީ ކްލާސްރޫމުގައި ހިނގާ ކަންތައްތައް ބަލާ، ވިސްނާ
އެކަންތައްތައް ހިނގަނީ ކީއްވެގެންކަން ދެނެގަތުމެވެ. އަދިހަމައެއާއެކު
މަސައްކަތްތައް ދަރިވަރުން ކުރާ މިންވަރު ބަލާ އަމިއްލަ ނަފްސަށް ވަޒަންކުރުމެވެ.
ނުވަތަ އިވެލުއޭޓް ކުރުމެވެ. މިގޮތުން މި ރިފްލެކްޝަނުގައި ބަލާލެވިފައިވާނި
ކިޔަވައިދެވުނު ދެ ފިލާވަޅެއްގައި ކަންތައްތައް ކުރެވުނުގޮތެވެ. މީގެއިތުރުން
ފިލާވަޅު ކުރިއަށް ގެންދެވުނީ ކިހިނެތްކަމާއި، ކުރިއަށް ގެންދެވުނު ގޮތުން
ކުރެވުނު އިޙްސާސްތައްވެސް ހިމަނާލެވިފައިވާނެއެވެ. ދެ ފިލާވަޅު ކުރިއަށް
ގެނދިޔައިރު ރަނގަޅަށް ކުރެވުނު ކަންތަކާއި ރަނގަޅު ކުރަންވީ ބައިތައް ވަރަށް
ރަނގަޅަށް އެނގިގެން ދިޔައެވެ. އެހެންކަމުން އެބައިތައްވެސް މިރިފްލެކްޝަންގައި
ހިމެނިފައިވާނެއެވެ. އަދި އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކަންކުރާނެގޮތްވެސް
ހިމަނާލެވިފައިވާނެއެވެ.
ކިޔަވައިދެވުނު ދެފިލާވަޅަކީވެސް ގްރޭޑް 9 ގެ
ކްލާހަކަށް ކިޔަވައިދެވުނު ދެފިލާވަޅެވެ. މިގޮތުން މިދެ ފިލާވަޅުވެސް
ކިޔަވައިދެވިފައިވަނީ ކްލާސްރޫމުގައެވެ. މިދެފިލާވަޅުވެސް ކުރިއަށް ގެންދިޔައީ 35
މިނެޓްގެ ދެގަޑީގައެވެ. މިގޮތުން ކޮންމެ ފިލާވަޅަކަށްވެސް ޖުމުލަ 70 މިނެޓް
ހޭދަކުރެވުނެވެ. ފުރަތަމަ ފިލާވަޅު ކުރިއަށް ގެންދިޔައީ ހަމައެކަނި ބޯޑާއި ޗޯކު
އެހީއެއްގެ ގޮތުގައި ބޭނުންކޮށްގެންނެވެ. ނަމަވެސް ދެވަނަ ފިލާވަޅުގައި ގްރޫޕް
މަސައްކަތުގެ އިތުރަށް ޕްރެޒެންޓޭޝަނެއްގެ އެހީވެސް ބޭނުންކުރީމެވެ.
މިދެގަޑީގައިވެސް ލިޔުނީ އެއްކޮޅަށް ވާހަކަދައްކާ ލިޔުން (މަޒުމޫނު) އެވެ. މިގޮތުން
ގެންދިޔަ ފުރަތަމަ މަޒުމޫނު ލިޔުމުގެ ފިލާވަޅުގައި ވަކިވަކި ދަރިވަރުން
އަމިއްލައަށް މަޒުމޫނު ލިޔުމަށް ހަވާލުކުރީމެވެ. ނަމަވެސް ދެވަނަ ގަޑީގައި
ކޯޕަރޭޓިވް ލަރނިންގ މެތަޑް ބޭނުންކޮށްގެން 5 ކުދިންގެ ގްރޫޕްގައި މަޒުމޫނެއް
ލިޔުމަށް ހަވާލުކުރީމެވެ.
ކޯޕަރޭޓިވް ލާރނިންގ
ބޭނުންކޮށްގެން މަޒުމޫނު ލިޔުމުގެ ފިލާވަޅެއް އިޚްތިޔާރުކުރީ މަޒުމޫނަކީ ޤައުމީ
މަންހަޖުގައި ހިމެނޭ ލިޔުންތެރިކަމުގެ ތެރެއިން އެންމެ ގިނަ މާކްސް އެއް
ސުވާލަކަށް ދީފައިވާ ބައި ކަމަށްވާތީއެވެ. ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވާ
މަރުކަޒު (2000) ލިޔުއްވާފައިވާގޮތުގައި ލިޔުންތެރިކަމަކީ މަންހަޖުގައިވާ އެންމެ
މުހިންމު އެއްބައެވެ. މިގޮތުން ލިޔުންތެރިކަމުގެ ތެރެއިން މަޒުމޫނާއި ވާހަކައަކީ
ދަރިވަރުންގެ ލިޔުންތެރިކަުގެ ހުނަރު ތަރައްޤީކުރުމުގައި އެންމެ އިސްރޯލެއް
އަދާކުރާ ބައިތަކެވެ. ހަމައެހެންމެ ޕެރެގްރާފު ލިޔުމުގެ އުސްލޫބުތައް ދަސްވުމާއެކު
ލިޔުންތެރިކަން ކުރިއަރައިގެންދަނީ މިގޮތުން ލިޔެވޭ ލިޔުންތަކުންނެވެ.
ލިޔުންތެރިކަމުގެ
ދެފިލާވަޅު ކުރިއަށް ގެންދިއުމުގައި ތަފާތު ދެގޮތެއް ބޭނުންކުރީމެވެ. މިގޮތުން
ފުރަތަމަ ފިލާވަޅު ކުރިއަށް ގެންދިޔައީ ދަރިވަރުން ކުރާ ، ނުކުރާ ކަންތައް ބަލާ
މީހަކީ ހަމައެކަނި މުދައްރިސް ކަމުގައިވެ، މުދައްރިސް އިސްރޯލެއް އަދާކުރާގޮތަށެވެ.
އެހެންނަމަވެސް މިއާއި ޚިލާފަށް ދެވަނަ ފިލާވަޅު ކުރިއަށް ގެންދިޔައީ ކޯޕަރޭޓިވް
ލާރނިންގެ އުޞޫލުތަކަށް ބަރޯސާވެ، ކުދިން ގްރޫޕްކޮށް، 5 ކުދިންގެ ގްރޫޕްގައެވެ.
ސިފަކުރުން
ފުރަތަމަ ފިލާވަޅު ކުރިއަށް
ގެންދިޔަގޮތް
ފުރަތަމަ ކްލާހަށްވަދެ
ސަލާމްގޮވާލުމުން ދަރިވަރުން ކޮޅަށް ތެދުވެ، ސަލާމްގެ ޖަވާބުދީ އިށީނެވެ. އެއަށްފަހު
ކުދިންގެ ހާލު އަހުވާލު އަހާލީމެވެ. އެއަށްފަހު މަޒުމޫނު ލިޔުމުގެ ފިލާވަޅެއްވީމަ،
ދަރިވަރުންނަށް ކުރިން އެނގިފައިހުރީ ކޮންބައިތަކެއްތޯ ބަލާލުމަށް ސުވާލެއް
ކޮށްލީމެވެ. އެއީ މަޒުމޫނު ލިޔުމާއި ބެހޭގޮތުން މިހާތަނަށް ކުދިންނަށް އެނގިފައިވަނީ
ކޮންކަންތައްތަކެއްތޯއެވެ. އެކި ކުދިން އެކި ޖަވާބުތައް ދެމުން ގެންދިޔައެވެ.
އެކުދިންގެ ޖަވާބާއި ގުޅިގެން އެކި ސުވާލުތައްކޮށް އެސުވާތަކާ ބެހޭގޮތުން
މަޝްވަރާކުރަމުން ގެންދިޔައީމެވެ.
މަޒުމޫނެއްގައި
އޮންނަ މައިގަނޑު ތިންބަޔަކީ ކޮބައިކަމާއި އަދި އެބައިތަކާބެހޭގޮތުންވެސް ކުދިންނާ
ސުވާލުކޮށްލީމެވެ. އަދި މިބައިތައް ދަރިވަރުންނަށް އިތުރަށް ފަހުމުކޮށްދިނުމުގެ
ބޭނުމުގައި ބޯޑުގައި ނޯޓްކޮށްލީމެވެ. އަދި ކޮންމެ ޕެރެގްރާފެއްގެ
ދިގުމިންބަހައްޓަންވީ ވަރުވެސް ބުނެލަދިނީމެވެ. މިގޮތުން ފެށުމާއި ނިންމުން 5
ފޮޅުވަތާއި 7 ފޮޅުވަތާ ދެމެދުގެ ދިގުމިނަކަށް ލިޔުމަށް ބުނެދިނީމެވެ. އަދި
މައިގަނޑުގައި 4 ނުވަތަ 3 ޕެރެގްރާފު އޮންނަން ވާނެކަމާއި، އެޕެރެގްރާފުގެ
ދިގުމިންވެސް ގާތްގަނޑަކަށް އެވަރަށް ބެހެއްޓުމަށް ބުނެދިނީމެވެ. އެހެންކަމުން
ފެށުމަށް ހޭދަވީ ގާތްގަނޑަކަށް 7 މިނިޓެވެ.
މަޒުމޫނުގެ މުހިންމު
ބައިތައް މިގޮތަށް ކުދިންގެ ހަނދާނަށް ގެނައުމަށްފަހު މައިގަނޑުގައި ހިމަނާނެ
ބައިތަކަށް ޖެހިލީ މަޒުމޫނުގެ ސުރުޚީ ކަމަށްވާ "ކޮވިޑްގެ ނުރައްކާތެރިކަމުން
ސަލާމަތްވެވޭނީ" ބޯޑުގައި ލިޔެލުމަށްފަހުގައެވެ. ސުރުޚީ ބޯޑުގައި
ލިޔެލުމަށްފަހުގައި ފުރަތަމަ ހަރަކާތަކަށް އެސުރުޚީ އާއި ގުޅިގެން ދަރިވަރުން
މަޒުމޫނުގައި ހިމަނާނީ ކޮންކަހަލަ ވާހަކަތަކެއްތޯ ބެލުމަށް ސުވާލުކޮށްލީމެވެ. މިގޮތަށް
މުޅި ކްލާހަށް ސުވާލު ހުށައަޅާލުމުން ގިނަ ދަރިވަރުންތަކެއްގެ ޚިޔާލު
ލިބިގެންދިޔައެވެ. މިގޮތުން އެކި ދަރިވަރުން ފާހަގަކުރީ ގިނަގިނައިން ސައިބީނި
ލައިގެން އަތްދޮވުމާއި، މާސްކު އެޅުމާއި، ގިނަމީހުން އެއްވެގެން ނޫޅުމާއި މިކަންކަމާއި
ބެހޭގޮތުންނެވެ. މިވާޙަކަތަކުގެ މައްޗަށް ބިނާކޮށް ދަރިވަރުންނަށް މަޒުމޫނުގެ
މައިގަނޑުގައި ޕޮއިންޓްތައް ހިމަނާނެ ގޮތާއި، ޕެރެގްރާފު ކުރުމުގައި
ބަލާނެކަންތަކާއި ބެހޭގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށް ލިޔާނެގޮތް
ކިޔައިދިނީމެވެ. އަދި ބޯޑުގައި ޕޮއިންޓްތައް ނޯޓް ކުރީމެވެ.
ބޯޑުގައި
ނޯޓުކޮށްފައިވާ ޕޮއިންޓްތައް ތަރުތީބުކޮށްލާނެގޮތް ކިޔައިދީ މަޒުމޫނުގެ ފެށުމާއި
ނިންމުން ގެންނާނެ ރީތި ގޮތްތަކެއްވެސް ބުނެދިނީމެވެ. އެއަށްފަހު ދެކުދިން
ވާހަކަދައްކައިގެން މަޒުޟުނުގެ އިނގަނޑު ރާވާލުމަށް 10 މިނެޓް ދިނީމެވެ. މިގޮތަށް
ހަވާލުކުރުމަށްފަހު ވަގުތައް ނިންމުމަށް ބުނެދީ އިރުއިރުކޮޅުން
ހަނދާންކޮށްދިނީމެވެ. އެހެންކަމުން ދީފައިވާ ވަގުތަށް ހުރިހާ ކުދިންވެސް
ނިންމާލިކަން ފާޙަގަކުރެވުނެވެ.
ދެވަނަ ހަރަކާތަކަށް
ގެންދެވުނީ ދަރިވަރުން ތައްޔާރުކުރި އޮނިގަނޑު ބޭނުންކޮށްގެން މަޒުމޫނެއް
ލިޔާށެވެ. މިގޮތަށް މަޒުމޫނު ލިޔުމަށް ހަވާލުކުރީ ވަކިވަކި ދަރިވަރުން، އެކުއްޖަކު
އަމިއްލައަށެވެ. މިގޮތަށް ހަވާލުކޮށްލުމަށްފަހުވެސް ކުދިންނަށް ކުރިން ކިޔައިދިން
ބައިތައް ރިކޯލް ކޮށްލީމެވެ. އެއަށްފަހު މަޒުމޫނު ލިޔުމަށް ހަވާލުކުރީމެވެ. ހުރިހާ
ދަރިވަރުން އެކު އެކުގައިހެން މަޒުމޫނު ލިޔަން ފެށިއެވެ. ކްލާސްތެރެއިން އަޑެއް،
ބަޑެއްވެސް ނީވެއެވެ. މަޒުމޫނު ލިޔުމުގައި ހޭދަކުރެވުނީ ގާތްތަޑަކަށް 30 މިނެޓެވެ.
މިވަގުތުގައި މަސައްކަތް އެއްކޮށް ނިންމާލެވުނީ ބަރާބަރު 4 ކުދިންނަށެވެ. ދެން
ތިބި ދަރިވަރުންގެ ތެރެއިން 25 އިންސައްތަ ނިންމުމާއި ހަމައަށް އައިސްފައިވާކަން
ފާހަގަކުރެވުނެވެ.
މިފިލާވަޅުގެ
ނިންމުން ގެނައީ އެކި ދަރިވަރުންގެ މަޒުމޫނުގެ ބައިތައް ކްލާހަށް ހުށައަޅާލާ
މަޝްވަރާކޮށްލުމަށްފަހުގައެވެ. މިގޮތުން އެއް ދަރިވަރު ފެށުން އަނެއް ދަރިވަރު
މައިގަނޑު އަނެއްދަރިވަރަކު ނިންމުން ހުށައަޅާލިއެވެ. މިގޮތަށް ހުށައަޅާލުމުން
މުޅި މަޒުމޫނުގެ ވަކި ވަކި ބައިތައް އެކި ކުދިންގެ މަޒުމޫނުގައި ހުރިގޮތް
އެނގިގެންދިޔައެވެ. ނުނިމޭ ދަރިވަރުން ޖެހިގެން އަންނަ ގަޑިއަށް އަންނަންވާއިރަށް
ގޭގައި މަޒުމޫނު އެއްކޮށް ނިންމާލައިގެން އައުމަށް ބުނުމަށްފަހު ކްލާސް
ނިމިގެންދިޔައެވެ.
ފުރަތަމަ ފިލާވަޅު:
ދަރިވަރުންގެ ޚިޔާލު
ދަރިވަރުންނަށް
މަސައްކަތް ހަވާލުކުރުމަށްފަހު ވަގުތު ހަމަވިއިރު ބައެއް ދަރިވަރުން ނުނިމި ތިބުމުން
އެކުދިންގެ ކައިރިއަށް ގޮސް މަސައްކަތް ނިންމާ ނުލެވުނީ ކީއްވެތޯ ސުވާލު ކޮށްލީމެވެ. ބައެއް ދަރިވަރުން ބުނީ އެއްފަހަރާ ގިނައިން ލިޔަން
އުދަނގޫވަނީކަމުގައެވެ. އަދި އަނެއްބައި ދަރިވަރުން ބުނީ ލިޔާނެ މައުލޫމާތު
ސިކުނޑިއަށް ނާންނަ ކަމަށެވެ. މަސައްކަތް ނިންމާލި ދަރިވަރުން
ބުނަނީ އެކުދިންނަށް އެންމެ ފަސޭހަބަޔަކަށްވީ ދެކުދިންގެ ގްރޫޕްގައި އޮނިގަނޑު
ރާވާލުން ކަމުގައެވެ. އެއީ މަސައްކަތް ކުރުމަށް އަވަސްވި ކަމެއްކަމުގައި އެކުދިން
ބުންޏެވެ. އަދި ބައެއް ދަރިވަރުން ބުނީ ގްރޫޕްކޮށް މަޒުމޫނު އެކީ ލިޔެލަން ލިބުނު ނަމަ
ވަރަށް ފުރިހަމައަށް މިއަދުގެ މަސައްކަތް ނިންމާލެވުނީސް ކަމަށެވެ.
ދެވަނަ ފިލާވަޅު
ކުރިއަށް ގެންދިޔަގޮތް
ދެވަނަ ފިލާވަޅު
ގެންދިއުމަށޓަކައި ކްލާހަށް ވަދެ ސަލާމް ގޮވާލުމަށްފަހު ދަރިވަރުންގެ ހާލު
އަހުވާލު އަހާލީމެވެ. އެއަށްފަހު ފިލާވަޅާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނުދީ
ކޮވިޑާއި ގުޅިގެން ތައްޔާރުކޮށްފައިވާ ތަސްވީރުތަކެއް ދައްކާލީމެވެ. އެއަށްފަހު އެ
ތަސްވީރުތަކާ ބެހޭގޮތުން ދަރިވަރުންނާއި ސުވާލުކޮށްލުމުން އެކުދިން ވަރަށް ޝައުޤުވެރިކަމާއެކު
ތަސްވީރުން ފެންނަ ކަންތައްތަކާއި ކޮވިޑްއާއި ގުޅުވާލައިގެން ވަރަށް ގިނަ
މައުލޫމާތުތައް ހިއްސާކޮށް އެއްކުއްޖަކު އަނެއްކުއްޖަކަށްވެސް ޚިޔާލު ބަދަލުކޮށް
މަސްވަރާކުރިއެވެ. އެކަމަށް 7 މިނެޓް ހޭދަކޮށްލުމަށްފަހު ޕްރޮޖެކްޓަރ
ބޭނުންކޮށްގެން ކޮވިޑްއާއި ގުޅުންހުރި ބައެއް ލިޔުންތައް ހިމަނައިގެން ހަދާފައިވާ
މަޒުމޫނު ޕޯސްޓަރެއް ދައްކާލާ ސުވާލުކޮށްލުމުން އެއީ މަޒުމޫނު ކަމަށް ގިނަ ކުދިން
ބުންޏެވެ. އެގޮތަށް ކުދިން ނިންމީ ކީއްވެތޯ ސުވާލުކުރުމުން ގިނަކުދިން
މަޒުމޫނުގައި ހިމެނޭ މުހިންމު ބައިތައް ވަރަށް ތަފްޞީލުކޮށް ކިޔައިދިނެވެ. އަދި
އެއީ މަޒުމޫނު ޕޯސްޓަރެއް ކަމަށްވެސް ބައެއް ކުދިން ބުންޏެވެ. މިގޮތުން އެއީ ޑިޒައިންކޮށް
މައުލޫމާތާއެކީ ލިޔެފައިވާ ލިޔުމެއްކަމާ، އެލިޔުމުގައި ފެށުމަކާއި މައިގަނޑާއި
ނިންމުން އޮތްކަމަށާއި މައިގަނޑު ޕެރެގްރާފުތަކަކަށް ބަހާލާފައި އޮތްކަމަށްވެސް ގިނަކުދިން
ބުންޏެވެ. އަދި ހަމައެހެންމެ ބައެއް ކުދިން ފުރަތަމަ ޕެރެގްރާފުން ތީސިސް
ޖުމުލަވެސް ފާހަގަކޮށްލިއެވެ. އެހެންކަމުން ކުދިންގެ ޚިޔާލާއެކީ މަޒުމޫނުގެ
ބައިތައް ވަރަށް ފަސޭހައިން ކުދިންނަށް ބުނެދެވުނެވެ.
ދެވަނަ ހަރަކާތެއްގެ
ގޮތުން މަޒުމޫނު ޕޯސްޓަރެއް ހެދުމަށްޓަކައި ކްލާސް 5 ކުދިންގެ ގްރޫޕަށް
ބަހާލީމެވެ. ގްރޫޕް ބަހާލީ އިށީދެތިބި ތަރުތީބުން ނަންބަރު ކިޔާލައިގެންނެވެ.
މިގޮތަށް ބަހާލުމަށްފަހު ކުދިންނަށް ބަލާލިއިރު ތަފާތު ފެންވަރު ކުދިން ކޮންމެ
ގްރޫޕެއްގައިވެސް ތިބިކަން ފާޙަގަކުރެވުނެވެ. އެއަށްފަހު މިއުޅެނީ ގްރޫޕްގައި
މަޒުމޫނު ޕޯސްޓަރެއް ތައްޔާރުކޮށްލަން ކަމަށް ބުނެދިނީމެވެ. އަދި ޕޯސްޓަރު
ހަދާނެގޮތާއި ހިމަނާނެ ބައިތައް ބުނެދިނުމަށްފަހު ކޮންމެ ގްރޫޕަކުން އަމިއްލައަށް
ވޮލަންޓިއަރ ކޮށްގެން ލީޑަރއެއް ހޮވާލީމެވެ. އެއީ ގްރޫޕުގައި އިސްވެ ކުދިންނަށް
ބުނެދީ މަސައްކަތްތައް ރާވާލުމަށްޓަކައެވެ. މިގޮތުން ގްރޫޕް ލީޑަރ ގެނެސް ކޮންމެ
ގްރޫޕަކަށްވެސް އޭ 3 ގެ ގަނޑަކާއި 5 ކުލައިގެ ފަސްގަނޑާއި، މާކަރާ ކުލަ
ހަވާލުކޮށްލީމެވެ. މިއީ ގްރޫޕްގެ ކޮންމެ ކުއްޖަކަށްވެސް ވަކި ކުލައެއްގެ
ކަރުދާސްކޮޅެއް ދިނުމަށެވެ.
އެއަށްފަހު ދަރިވަރުންނަށް
މަސައްކަތް ކުރާނެގޮތް ދައްކައިދިނީމެވެ. މިގޮތުން މިހަރަކާތް ކުރިއަށް ގެންދެވުނީ
"ކޯޕަރޭޓިވް ލާރނިންގ"ގެ އުޞޫލުތަކާ އެއްގޮތަށެވެ. މިގޮތުން ފުރަތަމަ
ފިޔަވަހީގައި ދަރިވަރުންނަށް މަޒުމޫނު ލިޔުމަށް މައުޟޫއެއް ކަނޑައަޅާ، މައުޟޫޢު
ރަނގަޅަށް ދެނގަތުމަށް ބުނީމެވެ. އެއަށްފަހު މައުޟޫއު ރަނގަޅަށް ދެނެގަތުމަށަފަހު
ދެވަނަ ފިޔަވަހީގައިވާ ދަރިވަރުންގެ ހަރަކާތް ކުރިއަށް ގެނދިއުމަށްޓަކައި ގްރޫޕުގެ
ހުރިހާ ކުދިންވެސް ޝާމިލްވާނެގޮތަށް ގްރޫޕްގައި ޚިޔާލު ހުށައަޅާ، މައުލޫމާތު
ފޯރުކޮށްދީ އެއްކުއްޖަކު އަނެއްކުއްޖަކަށް މައުލޫމަތު ޚިއްސާކޮށް އެކުއްޖެއްގެ
ވާޙަކަތަކަށް އަނެއް ކުދީން އިޚްތިރާމުކޮށް ޚިޔާލާ މަސްވަރާކުރިއަށް ގެންދިއުމަށް
ބުނެދިނީމެވެ.
ގްރޫޕް
މަސައްކަތުގައި ހުރިހާ ދަރިވަރުންވެސް ބައިވެރިވެ، ކޮންމެ ދަރިވަރަކަށްވެސް ވަކި
ޒިންމާއެއް ހަވާލުކުރުމަށް ބުނީމެވެ. އަދި އެކުއްޖެއްގެ މަސައްކަތް ފުރިހަމަވެގެން
ނޫނީ ގްރޫޕް މަސައްކަތް ނުނިމޭނެކަންވެސް ކުދިންނަށް ބުނެދިނީމެވެ. މިގޮތުން
ބައެއް ކުދިން ލިޔަން އުދަނގޫ ވުމާއި ލިޔުން ހުތުރުވީމަ ލިޔަން ބޭނުން ނުވި
ކުދިންނަށް ޕޯސްޓަރ ޑިޒައިން ކުރަން ހަވާލުކުރެވުނެވެ. އަދި ކޮންމެ ދަރިވަރަކުވެސް
އެކުއްޖަކަށް އެންމެ ރަނގަޅަށް ކުރެވޭ މަސައްކަތެއް ކުރުމަށް ބުނެދިނީމެވެ.
މިގޮތަށް ގްރޫޕްކޮށް
މަސައކަތް ކުރަމުންދާއިރު އެއްކުއްޖެއްގެ މަސައކަތްވެސް ނުކޮށް ދޫކޮށްލައިފިނަމަ
މުޅި ގްރޫޕަށް ގެއްލުން ވާނެކަމަށް ބުނެދިނީމެވެ. އަދި 30 މިނެޓްގެ ވަގުތުދީ،
އެވަގުތުގައި މަސައްކަތް ނިންމުމަށް ބާރުއެޅުނެވެ. ހަމައެހެންމެ ގްރޫޕް މަސައްކަތް
ވަގުތަށް ނިންމުމަށް ގްރޫޕްގައި ތިބި ފެނަވަރު ރަނގަޅު ކުދިންގެ އެހީތެރިކަން ދަށް
ފެނަވަރުގެ ކުދިންނަށް ލިބި އެކުދިންނަށްވެސް ނޭނގޭ ބައިތައް އެނގުނުކަން
ފާޙަގަކުރެވުނެވެ. މިގޮތުން ޕެރެގްރާﷲުގެ ފެށުމުގައި ތީސިސް ޖުމުލަ ލިޔުމާއި،
ނިންމާ ޕެރެގްރާފު ގެންނާނެގޮތްވެސް ގްރޫޕްގައި މަޝްވަރާކޮށްގެން ލިޔެވުނު ކަން
ފާހަގަކުރެވުނެވެ. އަދި ވަގުތަށް މަސައްކަތް ނިންމުމަށް ގްރޫޕް ހުރިހާ ކުދިންވެސް
މަސައްކަތް ކުރިއެވެ. މިގޮތުން ކުރިން ދެވުނު ކަރުދާސްކޮޅުތަކުގައި ކޮންމެ
ކުއްޖަކުވެސް ލިޔުނީ ތަފާތު ކުލައެއްގެ ކަރުދާސްކޮޅުތަކުގައެވެ. މިގޮތަށް ލިޔެ،
ކަނޑައެޅިފައިވާ ވަގުތަށް ހުރިހާ ދަރިވަރުންވެސް މަސައްކަތް ނިންމާލިއެވެ. މިއީ
ފުރަތަމަ ފެށުމުގައިވެސް ދީފައިވާ އިރުޝާދާ އެއްގޮތަށް 30 މިނެޓްގެ މަސައްކަތަކަށް
ވުމުން ދަރިވަރުންނަށް އެކަމަށް ސަމާލުކަން ދިނުމަށް ހަނދާންކޮށްދެމުން
ގެންދިއުމުންނެވެ.
ހުރިހާ ދަރިވަރުންގެ
މަސައްކަތްތައް ނިންމާލާ ދީފައިވާ ވަގުތުގައި ޕޯސްޓަރުގެ ހުރިހާ މަސައްކަތެއް
ކުދިން ނިންމާލިކަން ފާހަގަކުރެވުނެވެ. އެހެންކަމުން ޕޯސްޓަރުބަލާ، މަސައްކަތްތައް
ނިންމާލާފައިވަތީ ހުށައެޅުމަށް ފުރުޞަތު ހުޅުވާލީމެވެ މިގޮތުން ތަރުތީބު ނަންބަރު
ގުރުއަތުން ދިމާވިގޮތަށް ފަހަރަކު ގްރޫޕަކުން ހުށައަޅަމުން ގެންދިޔައެވެ. މިގޮތަށް
ހުށައެޅުމުގެ ކުރިން ހުރިހާ ގްރޫޕަކުންވެސް ހުށައަޅާއިރު އެހެން ގްރޫޕްތަކުން
ރަނގަޅު ކަންތަކާއި ރަނގަޅު ކޮށްލަންވީ ކަންތައްތައް ނޯޓު ކުރުމަށް ބުނީމެވެ.
އެހެނަކަމުން ހުރިހާ ގްރޫޕަކުންވެސް ޚިޔާލުދީ، ރަނގަޅު،ކަންތައްތައް ބުނެދީ،
ރަނގަޅު ކުރަންވީ ބައިތައް ވާހަކަދައްކައިގެން ފާހަގަކޮށްލާ މަސްވަރާތައް
ކުރެވުނެވެ. އޭގެފަހުގައި ޕޯސްޓަރުތައް ކްލާހުގައި ދިވެހި މާއްދާއަށް ހާއްސަ
ކުރެވިފައިވާ ބައިގައި ޕޯސްޓަރތައް ޑިސްޕްލޭ ކޮށްލުމަށްފަހު ގަޑި ނިންމާލީމެވެ.
ދެވަނަ ފިލާވަޅު:
ދަރިވަރުންގެ ޚިޔާލު
އެންމެ ފުރަތަމަ
ނިންމާލި ގްރުޕް ކުދިން ކައިރިއަށް ގޮސް މަސއަކްތަ އެހާ އަވަހަށް ނިންމާލީ
ކިހިނެތްތޯ ސުވާލުކޮށްލުމުން ބުނީ ގްރޫޕް މަސައްކަތަކީ ވަރަށް ކުރާހިތުން ކުރާ
މަސައްކަތްތަކެއްކަމަށެވެ. އެއީ އެކަނި ހުރިހާ ކަމެއް ކުރަން ނުޖެހޭތީ
އެކުއްޖަކަށް ލިބުނު މަސައްކަތް އަވަހަށް ނިންމާލެވުނީއެވެ. ދެވަނައަށް މަސައްކަތް
ނިންމާލި ގްރޫޕް ކުދިން ބުނީ މިގޮތަށް އެއްކުއްޖަކު އަނެއް ކުއްޖަކަށް ގުޅިގެން
މަސައްކަތް ތައް ކުރަނީ ވަރަށް ކުރާ ހިތުންކަމަށެވެ. އަދި ކުރިން ނޭނގޭ ބައިވަރު
މައުލޫމާތުތައްވެސް ލިބި މަސައްކަތް ކޮށްލަން ވަރަށް ފަސޭހަކަމަށެވެ. އަދި
މަސައްކަތްތައް ކުރުމުގައިވެސް އޮޅުން ނާރާ އަވަހަށް ކުރިއަށް ދެވޭކަމަށްވެސް
ބައެއް ކުދިން ފާހަގަކުރިއެވެ. ކޮންމެއަކަސް ކޯޕަރޭޓިވް ލާރނިންގެ ދަށުން
ގެންދެވުނު މިފިލާވަޅު ދިޔައީ ވަރަށް ޝައުޤުވެރި އުފާވެރި މާހައުލެއްގައި ދަރިވަރުންނަށް
ގިނަތަކެތި އެނގިގެން ނިމިގެން ދިޔަ ފިލާވަޅެއްގެ ގޮތުގައިކަން ފާހަގަކުރެވުނެވެ. މިގޮތުން
ގިނަ ދަރިވަރުންތަކެއް ފިލާވަޅާމެދު ކުރެވުނު އިޚްސާސްތައް ހާމަކުރީ ވަރަށް
އުފަލުންތިބެކަން ފާހަގަކުރެވުނެވެ
ދެފިލާވަޅާއިމެދުގައި
ކުރެވުނު އިޙްސާސް
ކިޔަވައިދެވުނު ދެފިލާވަޅުން
ގިނަ ކަންތައްތަކެއް ފާހަގަކުރެވިގެން ދިޔައެވެ. ގޯސްކޮށް ކުރެވުނު ކަންތަކާއި
ރަނގަޅަށް ކުރެވުނު ކަންތައްތަކެވެ. މިގޮތުން ފިލާވަޅުގެ ފެށުން ގެނައުމުގައި
ދެފިލާވަޅު ދެގޮތަށް ފެށުމުން ކުރެވުނު އިޚްސާސް ތަފާތެވެ. ދަރިވަރުންގެ ކިބައިން
ފެނިގެންދިޔަ ކަންތައްތަވެސް ތަފާތުވެގެން ދިޔަކަން އިޙްސާސް ކުރެވުނެވެ. މިގޮތުން
ފުރަތަމަ ފިލާވަޅުގެ ފެށުން ސުވާލަކުން ގެނެވުނު ނަމަވެސް ކުދީންގެ ބައިވެރިވުން
ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ.
ދެވަނަ ދުވަހުގެ
ދެވަނަ ފިލާވަޅުގެ ފެށުން ގެނެވުނު ގޮތުން ފުރަތަމަ ފިލާވަޅަށްވުރެ ދަރިވަރުންގެ
ޝައުޤުވެރިކަން އިތުރުކަން ފާހަގަކުރެވުނެވެ. އަދިހަމައެއާއެކު ދަރިވަރުންނަށް
ބުނެދޭން ބޭނުންވި ބައިތައް ވަރަށް ޝައުޤުވެރި ގޮތަކަށް ބުނެދެވި، އެކުދީންނަށް
ވަރަށް ސާފުކޮށް މައުލޫމާތުތައް އެނގިގެން ދިޔަ ކަމުގެ އުފާވެރި އިޚްސާސްތައް
ކުރެވުނެވެ. މިގޮތުން މަޒުމޫނެއް ލިޔުމުގައި ސަމާލުވާންވީ ހުރިހާ ބައިތަކެއް
ވަރަށް ރަނގަޅަށް ދަރިވަރުންނަށް އެނގުނުކަން ފާހަގަކުރެވުނެވެ.
ފުރަތަމަ ފިލާވަޅުގެ
މައިގަނޑު މަސައްކަތްތަކަށް ފަށައިގަތީ މަޒުމޫނުގެ އޮނިގަނޑު ދެކުދިންގެ
ގްރޫޕްގައި ތައްޔާރުކޮށް ހުށައަޅައިގެންނެވެ. މިގޮތަށް ހުށައެޅުމުގައި ބޮޑަށް
ފާހަގަވެގެން ދިޔައީ އަބަދުވެސް ކްލާހުގައި ހުށައަޅާ ކުދިންނަށް އެފުރުޞަތު
ލިބިގެން ދިޔަކަމެވެ. އެހެނަކަމުން މި ހަރަކާތުން މާ އެދެވޭ ގޮތެއްގައި
ދަރިވަރުންގެ ބައިވެރިވުން ނުލިބުނުކަން އިޚްސާސް ކުރެވުނެވެ. ނަމަވެސް ފަހުން ދަރިވަރުން
ތައްޔާރުކުރި އޮނިގަނޑަށް ވަކިވަކި ދަރިވަރުން މަޒުމޫނު ލިޔުމަށް ހަވާލުކުރުމުން
ވަރަށް ފުރިހަމަކަމާއެކު ދަރިވަރުންގެ ބައިވެރިވުން ފެނިގެން ދިޔައެވެ. އަދި
އެކުއްޖެއްގެ ފެންވަރުން މަޒުމުނުގެ ބައިތައް ލިޔެވޭތޯ މަސައްކަތް ކުރިތަން
ފެނުނެވެ. އަދި ނޭނގޭނަމަ އަހާ އޮޅުންފިލުވާ، މަސައްކަތް ނިންމޭތޯ ބެލިކަން
ފާހަގަކުރެވުނެވެ.
ދެވަނަ ފިލާވަޅުގެ
ދެވަނަ މަރުހަލާގައި ދެވުނު މަސައްކަތްކަތަކީ ގްރޫޕްގައި މަޒުމޫނުގެ ޕޯސްޓަރެއް
ހަދަންކަން، އެނގުނު ހިސާބުން ކުދިންގެ ޝައުޤު އެކަމަށް ވަރަށް ބޮޑަށް
އެބަހުރިކަން އިޚްސާސް ކުރެވުނެވެ. މިގޮތުން މަސައްކަތް ކުރަންވީގޮތް އަހާ،
އަވަހަށް މަސައްކަތް ފަށައިގަތުމަށް ކުދިން ބޭނުންވިއެވެ.
ދަރިވަރުންގެ
މަސައްކަތަށް ގްރޫޕް ބަހާލާ، އަދި ގްރޫޕުން ލީޑަރެއް ނެގުމުން މުދައްރިސަށްވެސް
ގްރޫޕްގައި ކުދިން މަސައްކަތް ކުރަމުންދިޔައިރު މެނެޖް ކުރަން ފަސޭހަވިއެވެ.
މިގޮތުން އެއްޗެއް ބޭނުންވިޔަސް ގިނަ ކުދިންތަކެއް އެއްފަހަރާ އައުމުގެ ބަދަލުގައި
ލީޑަރު އެކަނި އައުމާއި، ގްރޫޕްގައި ކުދިން ކުދިން ބޭނުންވި މައުލޫމާތާއި
އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް ގްރޫޕް ލީޑަރު އިސްރޯލެއް އަދާކުރާތައް
ފެނުމުން ލީޑަރޝިޕް ކުދިންގެ ކިބައިގައި ހުރިކަން މުދައްރިސަށް އިޚްސާސް
ކުރެވުނެވެ.
ގްރޫޕްގައި
ދަރިވަރުން މަސައްކަތް ކުރަމުން ދިޔައިރު ފެނުނީ ކޮންމެ ގްރޫޕެއްގައިވެސް ހުރިހާ
ދަރިވަރުންގެ ޝާމިލްވުމާއެކު މަސައްކަތްތައް ނިންމުމަށްޓަކައި ގުޅިގެން މަސައްކަތް
ކުރެވުނު ތަނެވެ. އަދި އެއްކުއްޖަކު އަނެއް ކުއްޖަކަށް އެހީތެރިވުމާއި، އިޚްތިރާމު
ކުރުމުގެ ރީތި ސިފަތައް ކުދިންގެ ކިބައިން ފެނުނެވެ. އަދި މުދައްރިސް ދައުރު
ކުޑަވެ، ދަރިވަރުންގެ ދައުރު ފުޅާވެގެންދިޔަތަން ފެނުނެވެ.
ފުރަތަމަ ގެންދެވުނު
ފިލާވަޅު ނިމިގެންދިޔައީ ގިނަ ދަރިވަރުންނަށް މަޒުމޫނުގެ ތިންބައި އެއްކޮށް
ނިންމާނުލެވިއެވެ. އަދި ދަރިވަރުންގެ ހުށައެޅުމަށްވެސް ލިބެންވީ ސަމަލުކަން
ނުލިބުނީ ގިނަ ދަރިވަރުންނަށް މަސައްކަތް ނިންމާނުލެވުނީމަކަން ފާހަގަ ކުރެވުނެވެ.
އަދިހަމައެހެންމެ އެއްފަހަރާ އެހާ ގިނަ ފޮޅުވަތްތައް ލިޔަން ދެވުމުން ދަރިވަރުންގެ
މޫނުމަތިން ފޫހިކަން އިޚްސާސް ކުރެވުނެވެ. މިއީ އެހާ ރަނގަޅަށް މި މަސައްކަތް
ކުރިއަށް ދިމުމުގައި ދިމާވި ހުރަހެއްކަން އިޚްސާސް ކުރެވުނެވެ. އަދި ފަހުން އެކަން
އެގޮތަށް އެހާ ދިގުކޮށް ލިޔުމަށް ދަރިވަރުންނަށް ހަވާލު ނުކުރެވުނުނަމައޭ ހިތަށް
އެރިއެވެ.
ދެވަނަ ފިލާވަޅުގައި ގަޑި ޖެހުމުގެ ކުރިން
ހުރިހާ ގްރޫޕެއްގެ މަސައްކަތްތައްވެސް ނިމުމުން ހުށައަޅަމުންދިޔަ ވަގުތު
ދަރިވަރުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ. ގިނަ ދަރިވަރުންގެ
މަޝްވަރާއާއި ބައިވެރިވުންވެސް ލިބުނެވެ. އަދި މިކަހަލަ ޕޯސްޓަރުފަދަ ތަކެތި
ހެދުމަކީ އެކުދިން ވަރަށް ޝައުޤުވެރިވާ ކަންތައްތައް ކަން ފާޙަގަކުރެވުނެވެ. މިގޮތުން
ހުރިހާ ކުދިން ލިޔުނު ޕެރެގްރާﷲުތައް އެއްކޮށްލާ މަޒުމޫނު ޕޯސްޓަރެއް ހަދާލުމަކީ
ކުދިންނަށް ވަރަށް ފަސޭހަކަމަކަށް ވެގެންދިޔައެވެ. އަދި އެކުދިންގެ މަސައްކަތްތައް
ކްލާހުގައި ޑިސްޕްލޭ ކޮށްލެވުމުން ވަރަށް އުފާވެ، ހިތްހަމަޖެހުން ކުދިންގެ
މޫނުމަތިން ފާޅުވެގެންދިޔައެވެ. އަދިހަމައެހެންމެ އެކުދިން ދީފައިވާ
ކޮމެންޓްތަކުންވެސް މިކަން ފާޙަގަކުރެވުނެވެ.
ދެ ފިލާވަޅު: ވަޒަންކުރެވުނު ގޮތް
ދެގޮތަކަށް
ކިޔަވައިދެވުނު ދެފިލާވަޅުންވެސް ގިނަ ކަންތައްތަކެއް ފާހަގަކުރެވިގެން ދިޔައެވެ. މިގޮތުން
ފުރަތަމަ ފިލާވަޅަކީ ކުދިންގެ ކިބައިގައި ހުރި މައުލޫމާތު ހޯދުމަށް ސުވާލުތަކެއް
ކޮށްގެން، އަދި އެބައިތައް ހަނދާނުގައި ހަރުލާފައި ހުރި މިންވަރެއް ބަލާލުމަށް އެކުދިންގެ
ކިބައިން ޖަވާބުތަކެއް ހޯދުނު ފިލާވަޅެކެވެ. މިގޮތުން ހޯދުނު ހޯދުމުން އެނގުނީ
ކުރިން ކިޔެވި ބައިތައްވެސް އެކުދިންގެ ހަނދާނުގައި ހަރުލާ ހުރިކަމެވެ. އުނގެނުން
ބިނާވަނީ އަބަދުވެސް ކުރިން ކިޔަވައިދޭ އެއްޗަކާއި އަލަށް ކިޔަވައިދޭ އެއްޗެއް
ގުޅުވާލައިގެން ކަމަށް ޕިއާޖޭ (2001) ހާމަކުރައްވައެވެ. އެހެންކަމުން މަޒުމޫނުގެ
ބައިތައް އެކުދިންނަށް އެނގޭކަމުގެ ހިތްހަމަޖެހުން ލިބި، ކުދިންނަށް އެނގިފައިވާ
މިންވަރު ވަޒަންކުރެވުނެވެ.
ދެވަނަ ފިލާވަޅުގެ
ފެށުމަކީވެސް ކުދިން ވަރަށް ޝައުޤުވެރިވި ފެށުމެއްކަން ކުދިންގެ މޫނުމަތިން
ފެނިގެން ދިޔައެވެ. ފިލާވަޅު ފެށުމަށް ބޭނުންކުރި ތަސްވީރުތަކަކީ ކުދިން
މިދުވަސްވަރު ވަރަށް ފެމިލިއަރ ކަމަކާއި ގުޅިގެން ހުރި ތަސްވީރުތަކަކަށް ވުމުން
ކުދިންގެ ބައިވެރިވުން އިތުރުވެގެން ދިޔަކަން ވަޒަންކުރެވުނެވެ. އަދި އެއްވެސް މައުލޫމާތެއް ނުދީ ތަސްވީރުތައް
ދައކާލުމުން އެކުދިންގެ ޚިޔާލުތައް އެކި ދިމަދިމާއަށް ފޯކަސް ކުރެވިގެން ދިޔައެވެ.
މިގޮތުން ކުދިންގެ ކިބައިގައިވާ މައުލޫމާތުތައް ހުރި މިންވަރު ވަޒަންކޮށްލަން
ފަސޭހަވިއެވެ.
ފުރަމަ ފިލާވަޅުގެ
މައިގަނޑު މަސައްކަތް ހަވާލުކުރުމުން އެއްކުދިބަޔަކު މަސައްކަތް ކުރިކަން
ފާޙަގަކުރެވުނެވެ. މިހެންމިވީ ހުރިހާ ކުދިންނަށް ސުވާލުތައް އަމާޒުކުރެވި
މަސައްކަތް ހަވާލުކުރެވުމުން ކަން ފާހަގަކުރެވުނެވެ. އެހެނަކަމުން މި މަސައްކަތް
ގެންދެވުނީ އެންމެ ރަނގަޅަށް ނޫންކަން ފާޙަގަކުރެވުނެވެ. ފުރުޞަތު ލިބިގެންދިޔައީ
އަބަދުވެސް ކްލާހުގައި ވާހަކަދައްކާ ދަރިވަރުންނަށް އެކަންޏެވެ. ނަމަވެސް ފަހުން
މަޒުމޫނުގެ މައުލޫމާތުތައް ބޯޑުގައި ލިޔެ، ވަކިވަކި ދަރިވަރުންނަށް މަޒުމޫނުގެ
އޮނިގަނޑު ހަދަން ހަވާލުކުރުމުން އެކުއްޖެއްގެ ފެންވަރުގައި އެމަސައްކަތުގައި
ހުރިހާ ދަރިވަރުންވެސް ޝާމިލެވިކަން ފާޙަގަކުރެވުނެވެ. އެހެންކަމުން މިހަރަކާތުން
އެނގުނީ މިއީ އެކަށިގެންވާ ގޮތުގައި ކުރިއަށް ގެނދެވުނު ހަރަކާތެއް ކަމުގައެވެ.
އޮނިގަނޑު
ހެދުމަށްފަހު މަޒުމޫނު ލިޔުމަށް ހަވާލުކުރުމުން ބައެއް ދަރިވަރުން ވަރަށް
ޝައުޤުވެރިކަމާއެކު މަސައްކަތް ނިންމާލިކަން ފާހަގަކުރެވުނެވެ. ނަމަވެސް އަނެއްބައި ދަރިވަރުންގެ މަސައްކަތް
ވަރަށް ލަސްވަމުން ދިޔަކަން ފާހަގަކުރެވުނެވެ. މިހެންވުމުން ވަގުތަށް މަސައްކަތް
ނިންމުނު ކުދިންގެ އަދަދު ވަރަށް މަދުވެގެން ދިޔައެވެ.
ދެވަނަ ފިލާވަޅުގައި
ކުދިން ގްރޫޕްކޮށް ކުރެވުނު މަސައްކަތުގައި ކުދިންގެ ބައިވެރިވުން ވަރަށް
ރަނގަޅަށް ލިބުނުކަން ފާޙަގަކުރެވުނެވެ. އެއީ ކޯޕަރޭޓިވް ލަރނިންގ މެތަޑް
ބޭޏުންކޮށްގެން ކުރެވުނު މަސައްކަތަކަށް ވީމައެވެ. ރޯއީ ކިލަން (1998)
ހާމަކުރައްވާގޮތުގައި ކޯޕަރޭޓިވް ލާރނިންގއަކީ ކުދި ގްރޫޕްގައި ކުރެވޭ މާނަވީ
މަސައްކަތްތަކެއް ކުރެވޭގޮތަށް ނުވަތަ ޓާސްކްތަކެއް ހަވާލުކުރުމާއެކު
އެމަސައްކަތްތައް ގްރޫޕްގައި ކުދިން އެކުވެގެން ކުރުމެވެ. މިގޮތަށް ކުރެވޭ
މަސައްކަތްތަކުގައި އެކުއްޖެއްގެ އަމިއްލަ ނަފުސަށާއި އަދި ގްރޫޕްގައި ތިބި އެހެން
ދަރިވަރުންނަށްވެސް އެހީތެރިވެވޭނެއެވެ.
ހަމައެހެންމެ
ކުދިންނަށް ދެވުނު ވަގުތުގެ ތެރޭގައި ވަރަށް ފުރިހަމައަށް މަސައްކަތް
ނިންމާލިކަންވެސް ފާހަގަކުރެވުނެވެ. މިގޮތުން ގްރޫޕްގައި މަޒުމޫނުގެ ޕޯސްޓަރ
ތައްޔާރު ކުރުމަށްޓަކައި އެކި ޕެރެގްރާފުތައް ލިޔުމަށް ކުދިންނަށް ބަހާލާ، ޑިޒައިން
ކުރުމާއި އައުޓް ލައިން ހެދުމަށްވެސް ވަކި ކުދިން ހަމަޖެއްސުމުން ހުރިހާ
މަސައްކަތެއް އެއްފަހަރާ، އެކި ކުދިން ނިންމަމުން ދިޔަކަން ފާޙަގަކުރެވުނެވެ. ޖޯޖް ޖޭ ކަބްސް (2004) ހާމަކުރައްވާގޮތުގައި ކޯޕަރޭޓިވް ލާރނިންގ ގެ ސަބަބުން
ވަކި ވަކި ދަރިވަރުން އެކަނި މަސައްކަތް ކުރާއިރު، ހޭދަވާ ވަގުތު
ކުޑަވެ،މަސައްކަތް ލުއިވެގެން ދެއެވެ. އަދި ކޯޕަރޭޓިވް ލާރނިންގެ ދަށުން ފިލާވަޅު
ކުރިއަށް ގެންދެވޭއިރު އެއްވެސް ދަރިވަރަކު ބާކީނުވެ، ކޮންމެ ދަރިވަރަކަށްވެސް
ފިލާވަޅުގެ ކޮންމެވެސް މިންވަރެއް ޙާޞިލްވުމަށް މަގުފަހިކޮށްދެއެވެ.
ފުރަތަމަ ފިލާވަޅުގައި
މަސައްކަތް ނިންމާލި ދަރިވަރުންނަށް
ހުށައަޅަން ފުރުޞަތު ދިނުމުން އެކުދިން ހުށައެޅި އިރު ގިނަ ދަރިވަރުންގެ
ޝައުޤުވެރިކަން ނެތަކަން ފާހަގަކުރެވުނެވެ. މަސައްކަތް ނުނިމޭ ކުދިން ތިބީ
މަސައްކަތް ނިންމާށެވެ. އަނެއްބައި ކުދިންގެ ކިބައިން ފާޙަގަކުރެވުނީ ހުށައެޅި
ދަރިވަރުންގެ ލިޔުން އަޑުއަހާފައި، އެކުދިންގެ ލިޔުން ރަނގަޅު ކުރަމުން
ދިޔަކަމެވެ. އެއްވެސް ވަރަކަށް ހުށައެޅި ދަރިވަރަށް ވިސްނާނުލާ ކަން
ފާޙަގަކުރެވުނެވެ.
ދެވަނަ ފިލާވަޅުގެ މަސައްކަތްތައް
ނިންމާލުމަށްފަހު ހުށައެޅުނު ހުށައެޅުމުން ފާޙަގަކުރެވުނީ ކްލާހުގައި ތިބި ހުރިހާ
ފަންތިއެއްގެ ހުރިހާ ފެންވަރެއްގެ ކުދިންވެސް ވަރަށް ފޯރީގައި ގްރޫޕް
މަސައްކަތުގައި ބައިވެރިވެފައިވާ ކަމެވެ. އަދި އެއްދަރިވަރަކު އަނެއް ދަރިވަރަށް
އެހީތެރިކަން ފޯރުކޮށްދީފައިވާކަމެވެ. ވޫލްފޯކް އޭއީ (1988)
ލިޔުއްވާފައިވާގޮތުގައި ކޯޕަރޭޓިވް ލާރނިންގ ގެދަށުން އުނގެނުން ކުރިއަށްދާއިރު އެއް
ކުއްޖަކު ކަމެއް ކާމިޔާބު ކުރިޔަސް އެކާމިޔާބީ އެހެން ދަރިވަރުންވެސް ޚިއްސާ ކުރާނެއެވެ.
އެހެންކަމުން ގްރޫޕް މަސައްކަތްތައް ހުށައަޅާލުމުގައި ވެސް ވާދަވެރިވެ، އެއް
ގްރޫޕް އަނެއް ގްރޫޕަށްވުރެ ރަނގަޅަށް ހުށައަޅަން މަސައްކަތް ކޮށްފައިވާކަން
ފާހަގަކުރެވުނެވެ. އަދިހަމައެހެންމެ ދަރިވަރުންގެ ހުށައެޅުމަށް ފާޑުކިޔާ
ހެދިއިރުވެސް އެ ފާޑުކިޔުންތައް ބަލއިގަނެ އިޚްތިރާމު ކުރިކަން ފާޙަގަކުރެވުނެވެ. ޖޯންސަން އެންޑް ޖޯންސަންއާއި ސްމިތް (1998) ހާމަކުރައްވާގޮތުގައި ކޯޕަރޭޓިވް
ލާރނިންގގައި ދަރިވަރުންގެ ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލުތައް އައުމަށް
މަގުފަހިވެގެންދެއެވެ. އެހެންކަމުން ދެވަނަ ފިލާވަޅުގެ ގޮތުގައި ގެންދެވުނު
ފިލާވަޅަކީ ކޯޕަރޭޓިވް ލަރނިންގ މެތަޑް ބޭނުންކޮށްގެން ގެނަދެވުނު ފިލާވަޅަކަށް
ވުމުން، މިފިލާވަޅު ވަރަށް ކާމިޔާބު ފިލާވަޅަކަށް ވެގެންދިޔަކަން ފާޙަގަކުތރެވުނެވެ.
އަދި ދަރިވަރުންގެ ކޮމެންޓް ތަކުންވެސް މިއީ ވަރަށް ޝައުޤުވެރި ފިލާވަޅެއް ކަމަށް
ބުނެފައިވެއެވެ.
ދެފިލާވަޅު: ތަހުލީލުކުރުން
ދެފިލާވަޅު ކިޔަވައިދީ
ނިންމުމާލުމަށްފަހު، ވިސްނާލުމުން އެނގުނީ ދެ ފިލާވަޅުގައިވެސް ރަނގަޅަށް ކުރެވުނު
ކަންތަކާއި ރަނގަޅު ކުރަންވީ ކަންތައްތަކެއް އެބަހުރިކަމެވެ. މިގޮތުން ކޮންމެ
ކަމެއްވެސް ރަނގަޅު ވުމާއި، ނުވުމުގައި ސަބަބެއް އޮންނާނެއެވެ. އެހެންކަމުން
ކޮންމެ ފިލާވަޅަކީވެސް ރަނގަޅަށް ވިސްނުންތެރިކަމާއެކު ރާވާ، ރަނގަޅު
އުޞޫލުތަކަކުން ގެންދެވޭ ފިލާވަޅެއްނަމަ އެއީ ރަނގަޅު، މޮޅު ކާމިޔާބު ފިލާވަޅަކަށް
ހެދިދާނެކަން މިނަގައިދެވުނު މަޒުމޫނު ލިޔުމުގެ ފިލާވަޅުން ހާމަވިއެވެ.
މިގޮތުންކިޔަވައިދިނުމުގައި ބޭނުންކުރެވޭ މޮޑެލްއަކީ ނުވަތަ ގޮތްތަކަކީ ފިލާވަޅެއް
ކާމިޔާބު ކުރުމަށް ވަރަށް މުހިންމު ބައެކެވެ. މިގޮތުން ކޯޕަރޭޓިވް ލާރނިންގ
މެތަޑަކީ ފިލާވަޅެއް ކާމިޔާބުކަމާއެކު ގެންދިއުމަށް ވަރަށް މުހިންމު
މޮޑެލްއެއްކަން ކުރިއަށް ގެންދެވުނު ދެފިލާވަޅުން ހާމަވިއެވެ. ޑޭވިޑް ޑަބްލިޔު
ރޯޖަރ ޖޯންސަން އަދި އެޑިތު ޖޯންސަން ހޮލިއުބެކް (1994) ހާމަކުރައްވާގޮތުގައި ކޯޕަރޭޓިވް
އުޞޫލުތައް ބޭނުންކޮށްގެން ކިޔަވައިދިނުމުން މައިގަނޑުތިން ފައިދާއެއް
ހާސިލްވެއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް ގުޅިގެން ކަންކަން ކާމިޔާބު ކުރުމާއި
،އެކުގައި މަސައްކަތްކޮށް ހޯދޭ ނަތީޖާ ރަނގަޅުވުމުގެ އިތުރުން ދަސްކުރާ ތަކެތި
ގިނަދުވަހަށް ހަނދާނުގައި ހަރުލާފައި ހުރުން ހިމެނެއެވެ.
ފުރަތަމަ ފިލާވަޅުގެ
ފެށުމުގައި ސުވާލުކޮށްގެން މަޒުމޫނުގެ ބައިތައް ހަނދާނަށް ގެންނަން ކުރެވުނު
މަސައްކަތް ކާމިޔާބު ވީނަމަވެސް ގިނަ ދަރިވަރުންގެ ބައިވެރިވުން ކުދިންގެ
މޫނުމަތިން ފޫހިކަމުގެ އިޚްސާސް ކުރެވުމުން އެއީ ރަނގަޅުގޮތުގައި ގެންދެވުނު
ހަރަކާތަކަށް ނުވިއެވެ. އަދިއެއީ ކިޔަވައިދިނުމުގެ އެއްވެސް އެހީއަކާ ނުލާ
ގެންދެވުނު ހަރަކާތަކަށް ވުމުން ކުދިންގެ ފޫހިކަން ފެނުނެވެ. ފެށުމުގައި ގެންދެވޭ
ހަރަކާތަކީ މުޅި ފިލާވަޅާއި ގުޅިފައިވާ ހަރަކާތެއްކަމަށް ވިސްނައިލެވުނީ
ފަހުންނެވެ. ފެށުމުގައި ގެންދެވޭ ހަރަކާތަކީ ޝައުޤުވެރި ހަރަކާތަކަށް ވެއްޖެނަމަ،
އެހަރަކާތުގެ ސަބަބުން ދަރިވަރުން ފިލާވަޅަށްދޭ ޝައުޤުވެރިކަން އިތުރުވާކަން
ފާހަގަކުރެވުނެވެ.
ދެވަނަ ފިލާވަޅުގެ
ފެށުން ދަރިވަރުންނަށް ވަރަށް ޝައުޤުވެރި ހަރަކާތަކަށްވިއެވެ. ސަބަބަކީ ދަރިވަރުންނަށް
ތަސްވީރުތައް ދައްކާ ސުވާލުކޮށް މަސްވަރާކޮށް ޚިޔާލު ބަދަލުކުރެވުމުން އެއީ
އެކުދިންނަށް ލިބުނު ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމުގެ އިޚްސާސް ކުރެވުނު ކަން
ފާހަގަކުރެވުނެވެ. އަދި ހަމައެހެންމެ މަޒުމޫނު ލިޔާ ވާހަކަ ނުބުނެ،ތަސްވީރުތަކެއް
ދެއްކުމުން ކުރަން އުޅޭކަމެއް ނޭނގި ކުދިންގެ ޚިޔާލުތައް އެކި ދިމަދިމާއިން
ފާޅުކުރެވުގެންދިޔައެވެ. ކްރޯލް ޑީ އެލް (1992) ހާމަކުރައްވާގޮތުގައި ކޯޕަރޭޓިވް ލާރނިންގ ގެ ދަށުން ދަރިވަރުންނަށް
ހަވާލުކުރެވޭ މަސައްކަތްތަކަކީ ގިނަ ކުދިން އެކުވެގެން ކުރެވޭ ރަނގަޅު، މޮޅު
މަސައްކަތަކަށްވެ، ދަރިވަރުންގެ ޝައުޤު އިތުރުވެއެވެ.
ފުރަތަމަ ފިލާވަޅުގެ
މައިގަނޑު މަސައްކަތަށް ދިއުމުގެ ކުރިން މަޒުމޫނުގެ މައިގަނޑުގައި ލިޔާނެ
މައުލޫމާތާ ބެހޭގޮތުން ސުވާލުކޮށް، ދަރިވަރުންގެ ފަރާތުން ލިބޭ މައުލޫމާތު
ބޯޑުގައި ނޯޓު ކުރުމުން ދަރިވަރުންގެ ފަރާޓުން އެންމެ އެކަށޭނެގޮތުގައި
ބައިވެރިވުން ނުފެނުނުކަން ފާހަގަކުރެވުނެވެ.
ފެށުމުގައި މިހެން
ދިމާވި ނަމަވެސް މައިގަނޑުގައި ގެނދެވުނު ހަރަކާތުގައި މަޒުމޫނުގެ އޮނިގަނޑު
ހެދުމުގައި ހުރިހާ ކުދިންވެސް އެމަސައްކަތް ނިންމާލިކަން ފާހަގަކުރެވުނެވެ. މި
މަސައްކަތް މިހާ ކާމިޔާބު ވެގެންދިޔައީ ދެކުދިންގެ ގްރޫޕްގައި ކުރެވުނު
މަސައްކަތަކަށް ވުމުންކަން ފާހަގަވިއެވެ. އަލްބަރޓް ބަންޑޫރާ އާއި ރޮބަރޓް
ޑަބްލިއު، ވުޑް (1998) ލިޔުއްވާފައިވާގޮތުގައި ކޯޕަރޭޓިވް ލާރނިންގ
ގެދަށުން އުނގެނުން ކުރިއަށްދާއިރު އެއް ކުއްޖަކު ކަމެއް ކާމިޔާބު ކުރިޔަސް
އެކާމިޔާބީ އެހެން ދަރިވަރުންވެސް ޚިއްސާ ކުރާނެއެވެ. އަދިހަމައެހެންމެ ޖޯޖް ޖޭ ކަބްސް (2004) ވިދާޅުވާގޮތުގައި މިގޮތަށް ކޯޕަރޭޓިވް
ލާރނިންގ ގެދަށުން ކިޔަވައިދިނުމުން އެއްކުއްޖަކަށް އެނގިފައިވާ މައުލޫމާތު
އަނެއްކުދިންނާ ޚިއްސާކުރެވި، އެއްކުއްޖަކު އަނެއްކުއްޖަކަށް އިޚްތިރާމުކޮށް،
އެހީތެރިކަން ފޯރުކޮށްދީ އެކުގައި މަސައްކަތް ކުރުމުގެ ރޫޚު އުފެދި، ކްލާސް
މާހައުލަކީ ކުދިންނަށް އުނގެނެން ފަސޭހަ މާހައުލަކަށްވެސް ބަދަލުކޮށްލެވެއެވެ.
އެހެންކަމުން ގްރޫޕް މަސައްކަތުން އެއްކުއްޖެއްގެ ކައިރިން އަނެއްކުއްޖަކު
އުނގެނޭކަން ފާހަގަކުރެވެއެވެ. އަދިހަމަ އެދަސްކުރާ ބައިތަކެއް ގިނަދުވަހު
ހަނދާނުގައި ހުރުމަށްވެސް މަގުފަހިވެގެންދެއެވެ.
ފުރަތަމަ ފިލާވަޅުގައި
ދެކުދިންގެ ގްރޫޕްގައި އޮނިގަނޑު ރޭވުމަށްފަހު ވަކި، ވަކި ދަރިވަރުންނަށް މަޒުމޫނު
ލިޔަން ދިނުމުން ގަޑި ޖެހުނު އިރު ނިންމާލެވުނީ 5 ދަރިވަރުންނަށެވެ. ގިނަ
ދަރިވަރުންތިބީ ފޫހިވެ މަސައްކަތް ކުރުމުގެ ރޫޚް ނެތިފައެވެ. މިގޮތަށް ވަކި
ދަރިވަރުންނަށް މަޒުމޫނު ލިޔަން ދިނުމުން އެއްފަހަރާ ގިނައިން ލިޔަން ޖެހުމާއި،
ހަމައެކަނި ެދަރިވަރުގެ ޚިޔާލަށް އެކަނި މައުލޫމާތުތައް ބިނާކުރަންޖެހުމަކީ
އެކުދިންނަށް ދަތި ކަމަކަށްވެގެންދިޔައެވެ. މިކަމުގެ ސަބަބުން ފިލާވަޅަށް ހުރި
ޝައުޤު ގެއްލި ފޫހި ފިލާވަޅަކަށް ވެގެންދިޔަކަން ކުދިންގެ ކޮމެންޓްތަކުންވެސް
ފާހަގަކުރެވުނެވެ.
ދެވަނަ ފިލާވަޅުގައި
އެގަޑީގައި މަޒުމޫނު ލިޔުން ގެންދެވުނީ ގްރޫޕްގައި ހުރިހާ ކުދިން އެކުގައި ހަދާ
ޕޯސްޓަރު ސްޓައިލަށެވެ. މިގޮތަށް މިފިލާވަޅު ރާވާލުމުން ގްރޫޕްގައި ވަރަށް
ފޯރިއާއި، ޝައުޤުވެރިކަމާއެކު މަސައްކަތް ވަގުތަށް ނިންމާލިއެވެ. އަދި
ވާދަވެރިކަމާއެކު މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމަށްވެސް ކުދިން މަސައްކަތް
ކުރިއެވެ. ޕޯސްޓަރުގެ ރީތިކަމާއި މަޒުމޫނުގެ ފުރިހަމަކަމަށް ވަރަށް ބޮޑަށް
ސަމާލުކަންދީގެން މަޒުމޫނު ލިޔެފައި ހުރިކަން ފާޙަގަކުރެވުނެވެ. ވޫލްފޯކް އޭއީ (2007) ލިޔުއްވާފައިވާގޮތުގައި ކޯޕަރޭޓިވް ލާރނިންގ ގެދަށުން
އުނގެނުން ކުރިއަށްދާއިރު އެއް ކުއްޖަކު ކަމެއް ކާމިޔާބު ކުރިޔަސް އެކާމިޔާބީ އެހެން
ދަރިވަރުންވެސް ޚިއްސާ ކުރާނެއެވެ.
ގްރޫޕްތަކުގައި ދަރިވަރުން އެކުވެ ކުރި މަސައްކަތުގައި
އެއްވެސް ކުއްޖަކު ބާކީ ނުކޮށް ރާވާލައިގެން މަސައްކަތްތައް ބަހާލައިގެން
ގެންދިޔަކަން ފާހަގަކުރެވުނެވެ. އަދި އެންމެ ފަހު މަރުހަލާގައި މަސައްކަތްތައް
ކްލާހަށް ހުށައެޅުމުގައިވެސް އެއްވެސް ކުއްޖަކު ޖެހިލުން ނުވެ، އިތުބާރާއެކީ
ހުށައަޅާލިކަން ފާހަގަކުރެވުނެވެ. ޖޯންސަން، ހޮލިއުބެކް އަދި އެޑިނާ (1993) ހާމަކުރައްވާގޮތުގައި ކޯޕްރޭޓިވް
ލާރނިންގ މޮޑެލްގެ އެންމެ މުހިންމު ކަމަކީ ގުޅިގެން އެއްބާރުލުމާއެކު
ކިޔެވުމާއި، ވާދަވެރި މާހުއުލެއްގައި ކިޔަވައިދިނުމުގެ އިތުރުން ވަކި ވަކި
ދަރިވަރުންގެ މަސައްކަތުގެ އިތުރުން ގްރޫޕް މަސައްކަތްތަކުގެ މައްޗަށް ބަރޯސާ
ވެގެން އުނގެނުމުގެ ކާމިޔާބީއާއި ހަމައަށް ވާޞިލުވުމަށް މަގުފަހިވެގެންދާނެކަމުގައެވެ.
ފުރަތަމަ ފިލާވަޅުގެ ނިންމުމުގައި ދަރިވަރުންގެ ތެރެއިން
ހުށައެޅުމަށް ހުޅުވާލުމުން ގިނަ ދަރިވަރުން އެކަމަށް ފަސްޖެހުނެވެ. އަދި ހުށައެޅި
ދެތިން ދަރިވަރުންގެ ހުށައެޅުމަށްވެސް މާބޮޑު ސަމަލުކަމެއް ނުލިބުނުކަން
ފާހަގަކުރެވުނެވެ. ނަމަވެސް ގްރޫޕް މަސައްކަތްތައް ހުށައަޅަން ލިބުމުން ކުދިންގެ
ޝައުޤުވެރިކަން އިތުރުކަން ފާޙަގަކުރެވުނެވެ. އެހެނަކަމުން މިފިލާވަޅު އެހާ
ކާމިޔާބު ފިލާވަޅަކަށްނުވީ ކޯޕަރޭޓިވް ލާރނިންގ ގެ މެތަޑް ބޭނުން ނުކރެވުމުގެ
ސަބަބުންކަން ފާހަގަކުރެވުނެވެ.
ދެފިލާވަޅުގެ
މައްޗަށް ބަރޯސާވެ، ދެފިލާވަޅު ތަޚުލީލުކުރުމުން ހާމަވެގެންދިއައީ ވަކިވަކި
ދަރިވަރުން މަސައްކަތް ކުރުމަށްވުރެ، އެންމެ ފައިދާހުރި ގޮތަކީ ގްރޫޕްގައި
މަސައްކަތްތައް ރާވާލާ، ކޯޕަރޭޓިވް ލާރނިންގ ގެދަށުން ހުރިހާ ކުދިން ގުޅިގެން
އެއްކުއްޖަކާ ހަވާލުކުރެވޭ މަސައްކަތަށް ދެންތިބި އެހެންކުދިންގެ ޚިޔާލާ މަޝްވަރާ
ލިބި އެކުދިންގެ އެހީތެރިކަމާއެކު މަސައްކަތް ފުރިހަމަ ކުރުމެވެ. ކޯޕަރޭޓިވް ލާރނިންގ ގެދަށުން ދަރިވަރުންނަށް ގުޅިގެން ފިލާވަޅެއް ކުރިއަށް
ގެންދާނަމަ، އަދި ދަރިވަރުންގެ ކިބައިން ރަނގަޅު ފިލާވަޅަކަށް މުދައްރިސް އެދޭނަމަ
މިކަންކަމަށް ދަރިވަރުންނަށް މަގުފަހިކޮށްދޭން ވާނެކަމަށް ހެރީ ކޭ ވޮންގް އަދި
ރޯޒް މޭރީ ޓީ ވޮންގް (2015) ހާމަކުރައްވާފައިވެއެވެ. ވުމާއެކު ކޯޕްރޭޓިވް ލާރނިންގެ
ދަށުން ރާވާލެވުނު ފިލާވަޅަކީ ދަރިވަރުން ގުޅިގެން އެކުއެކީގައި ދަސްވެ،
އުގެނުމުގައި ކުރެވުނު ކާމިޔާބު މަސައްކަތެއްކަން ޔަޤީނެވެ. ހަމައެހެންމެ
ދަރިވަރުންގެ ކިބައިގައި އެތައް ފައިދާހުރި ރަނގަޅު ސިފަތަކެއްވެސް އަށަގެންނެވުނު
ފިލާވަޅެއްކަން ފާހަގަކުރެވުނެވެ.
އެކްޝަން ޕްލޭން
ކުރާ ކޮންމެ ކަމަކުންވެސް ތަޖުރިބާތކެއް
ކުރެވެއެވެ. އަދި އިބްރަތްތަކެއްވެސް ހާޞިލްވެގެންދެއެވެ. މިގޮތުން ކުރިމަގުގައި
އެލިބުނު ތަޖުރިބާ އާއި ހާޞިލްކުރެވުނު އިބްރަތްތަކުގެ ބޭނުން ހިފެމަކީ ކުރިމަގު
އުޖާލާ ކުރުމަށް އެޅޭން ފަހި ފުރުޞަތެވެ. މިގޮތުން ތަފާތު ދެގޮތަކަށް
ކިޔަވައިދެވުނު ދެފިލާވަޅުންވެސް ވަރަށް ބޭނުންތެރި ގިނަ ތަޖުރިބާ ތަކެއް
ކުރެވިގެން ހިނގައްޖެއެވެ. މިގޮތުން ވަކިވަކިން ދަރިވަރުން ލައްވާ މަސައްކަތް
ކުރެވުމާއި ގްރޫޕްގައި ދަރިވަރުން ބައިވެރިކޮށްގެން މަސައްކަތް ކުރުމުން
ދަރިވަރުންނަށް ދަސްވި މިންވަރު އިތުރުވެ ކުރިއަށް ދިއުމަށް ހިތަވަރު ލިބުނެވެ.
އެހެންކަމުން ކޯޕަރޭޓިވް ލާރނިންގެ ދަށުން ފިލާވަޅުތައް ގެންދިއުމަކީ ފިލާވަޅުގެ
މަޤުޞަދު އެންމެ ފުރިހަމައަށް ހާސިލްވުން ކަމުގައި ފެނުނީތީ އެގޮތުގެ މަތިން
ފިލާވަޅުތައް ރޭވުމަށް ކުރިމަގުގައި އިސްކަން ދޭނަމެވެ.
ދަރިވަރުންނަށް ފިލާވަޅު
ފެށުމުގައާއި އޮޅުން ފިލުވައިދިނުމުގައި މިސާލުދައްކާ، ޝައުޤުވެރިކޮށް ފެށިގެން
ދިއުމަކީވެސް ކުދިން ފިލާވަޅަށްދޭ ސަމާލުކަން އިތުރުވި ކަމެކެވެ. މިގޮތުން
ތަސްވީރާ ޕްރެޒެންޓޭޝަނުފަދަ ތަކެތީގެ އެހީގައި ފިލާވަޅު އޮޅުން ފިލުވައިދީ،
އުނގެނުމަށްފަހި ފުރުޞަތުތައް ހޯދައިދީ، ކާމިޔާބު މުދައްރިސަކަށް ވުމަށް
މަސައްކަތް ކުރާނަމެވެ. އަދި ފިލާވަޅާއި ގުޅިގެން ކުދިން ޝައުޤުވެރިވާފަދަ
ކިޔަވައިދިނުމުގެ އެހީ ތައްޔާރު ކުރުމަށްވެސް ސަމާލުކަންދޭނަމެވެ.
ނިންމުން
ކޮންމެ މަސައްކަތަކީވެސް އެކަމެއް ރަނގަޅު ގޮތުގައި
ކުރެވިއްޖެނަމަ އެކަމަކުން ކާމިޔާބީ ލިބި، ހިތްހަމަޖެހުން ލިބޭނެ މަސައްކަތެކެވެ. މިގޮތުން
ކަމެއް ކާމިޔާބު ކުރެވޭނީ ދުރާލާ އެކަމަށް ތައްޔާރުވެ، ފުރިހަމައަށް އެކަމެއް
ކުރެވޭތޯ މަސައްކަތް ކޮށްގެންނެވެ. ކިޔަވައިދިނުމުގައި ގެންދެވުނު ދެފިލާވަޅަކީވެސް
ތަފާތު ދެގޮތަކަށް ކުރެވުނު ތަޖުރިބާއެކެވެ. ވީމާ ކިޔަވައިދިނުމުގައި އެންމެ
މުހިންމު ކަމަކީ ފިލާވަޅު ކުރިއަށް ގެންދިއުމުގައި ދަރިވަރުންނަށް
އޮޅުންނާރާނެގޮތަށް އެކުދިންގެ ބައިވެރިވުމާއެކު ޝައުޤުވެރިގޮތަކަށް ފިލާވަޅު
ކުދިންނަށް ބުނެދެވުމެވެ. އެހެންކަމުން ކޯޕްރޭޓިވް ލާރނިންގެ އުޞޫލުތައް
ބޭނުންކޮށްގެން ފިލާވަޅު ކުރިއަށް ގެންދެވުމަކީ ވަރަށް ކާމިޔާބު ގޮތެއްކަމަށް
ދަރިވަރުންދީފައިވާ ކޮމެންޓްތަކުންވެސް ހާމަވެގެން ދިޔައެވެ. މިގޮތުން
ދެފިލާވަޅުން ހާޞިލުވިމިންވަރު ބަލާ، ތަޚުލީލުކޮށް، ވަޒަން ކުރެވިގެން ދިއުމަކީ
ކުރިމަގުގައި ކިޔަވައިދިނުން ބައްޓަން ކުރުމަށް ހުޅުވާލެވުނު ފަހި މަގެކެވެ. ހަމައެހެންމެ
މިފަދަ ކަންކަން ކުރުމުގައި އެކްޝަން ޕްލޭނެއް ތައްޔާރު ކުރެވި، އެގޮތަށް
ކަންތައްތައް ކުރެވިގެންދިއުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެވުނެވެ.